ކީރިތި
ޤުރްއާން ކިޔެވުމުގެ 28 ވަނަ ޤައުމީ މުބާރާތުގެ އަތޮޅު ތަކުގެ ބައިން 16 އަހަރުން
ދަށުގެ އުމުރުފުރާއިން ބަލައިގެން ކިޔެވުމުގެ ގޮފިން ހއ. އިހަވަންދޫ، ހުޅަނގުމަތީގެ،
އައިޝަތު ނާހިޔާ 1 ވަނަ ހޯދާފައިވާތީ އެކަން ފާހަގަ ކުރުމުގެ ގޮތުން
ކައުންސިލުން
މިއަދުވަނީ ނާހިޔާއާއި އަދި ނަހިޔާގެ
ބެލެނިވެރި
ފަރާތާއި ބައްދަލު ކުރައްވާފައެވެ. މިބައްދަލު ކުރެއްވުމުގައި ކައުންސިލުންވަނީ 1500 ރުފިޔާގެ
ފައިސާގެ އިނާމެށް ނާހިޔާއަށް ފޯރުކޮށްދެއްވާ އަދި ކުލަގަދަ ރަސްމިއްޔާތެއްގެ ތެރެއިން އެކަން އިތުރަށް ފާހަގަކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
މިބައްދަލުވުމުގައި
ކައުންސިލްގެ ފަރާތުން ވާހަކަފުޅު ދައްކަވަމުން ކައުންސިލްގެ ރައީސްވަނީ
ނާހިޔާއަށާއި އަދި ނާހިޔާގެ އާއިލާއަށް ވަރަށް ހޫނު މަރުހަބާއެއް ދައްނަވާފައެވެ.
އަދި ހއ.އަތޮޅަށާއި ވަކިން ޚާއްސަކޮށް ރަށަށް ހޯއްދަވާ ދެއްވި ފަޚްރާއި
ކާމިޔާބީއާއި ކުރިއެރުން ފާހަގަކޮށް މިކަމުގައި ކައުންސިލަށާއި ނާހިޔާއަށް
އެހީތެރިވި އެންމެހާއި ފަރާތްތަކަށް ޝުކުރުދަންނަވާފައިވެއެވެ. މީގެ އިތުރުން މި
ޝަރަފު ދެމެހެއްޓުމަށްޓަކައި އިތުރަށް ހިތްވަރާއި އެކު މަސައްކަތް
ކޮށްދެއްވުމަށާއި މިކަމުގައި ކައުންސިލުން ދެވެން އޮތް އެންމެ މަތީ ދަރަޖައަކަށް
އެހީތެރިކަން ދެއްވާނެ ކަމަށާއި އިތުރު ކުރިއެރުމާއި ތަރަށްޤީ ހޯދުމަށް
ކައުންސިލަށް ކުރެވެން އޮތް އެންމެހާއި މަސައްކަތް ކޮށްދެއްވާނެ ކަމުގެ ފުރިހަމަ
ޔަޤީންކަން އިހަވަންދޫގެ ރައްޔަތުންނަށް އަރުވާފައިވެއެވެ. އަދި
މިރަސްމިއްޔާތުގައި ކައުންސިލްގެ ފަރާތުން ނާހިޔާއާއި ނާހިޔާގެ ބެލެނިވެރިފާތާއި
އެކު މުބާރާތުގައި ކަންހިނގާދިޔަގޮތާއި ގުޅޭގޮތުން މަޝްވަރާކޮށް ހިޔާލު ބަދަހި
ކުރެވުނެވެ. މުބާރާތުގެ ކަންހިނގާ
ދިޔަގޮތުން ނާހިޔާ އެންމެ ކަންބޮޑުވި އެއްކަމެއްގެ ގޮތުގައި ނާހިޔާގެ މަންމަ
ފާހަގަ ކުރައްވާފައިވަނީ ދިވެހިރާއްޖޭގެ އެހެނިހެން ހުރިހާ ރަށްތަކާއި ޚިލާފަށް
އަދި ހއ.އަތޮޅުގެވެސް ބައިވެރިވި އެހެން ހުރިހާ ރައްތަކާއި ޚިލާފަށް
އިހަވަންދޫއިން ބައިވެރިވި އެއްވެސް
ސުކޫލު ކުއްޖަކަށް ސުކޫލުގެ ޔުނީފޯރމް ބޭނުން ކުރުމުގެ ފުރުސަތު ލިބި
ދީފައި ނުވާތީ އެކަމެވެ. އެހެން އަހަރުތާކާއި ޚިލާފަށް މިއަހަރު އެފުރުސަތު
ދަރިިވަރުންނަށް ލިބިދީފައި ނުވަނީ، ޤައުމީ/އަތޮޅު/ރަށު ޤުރުޢާން މުބާރާތުގައި
މަދަރުސާގެ ދަރިވަރަކު ޔުނީ ފޯރމުގައި ބައިވެރިވުމަށް އިހަވަންދޫ މަދަރުސާގެ
ޤަވާއިދު ތަން ނުދޭކަމަށް މަދަރުސާއިން ބުނުމުންނެވެ. ރަށު ޤުރުޢާން މުބާރާތް ކުރިޔަށް
ގެންދިއުމުގައި އިހަވަންދޫ މަދަރުސާއިންވަނީ ވަރަށް ބޮޑަށް އެއްބާރުލުން
ދެއްވާފައެވެ.
ޤުރުއާން
ކިޔެވުމުގެ ޤައުމީ މުބާރާތަށް ނާހިޔާ ހޮވިފައިވަނީ ހއ އަތޮޅު ގައި ބޭއްވި ޤުރުއާން
ކިޔެވުމުގެ އަތޮޅު މުބާރާތުގައި ބަލައިގެން ކިޔެވުމުގެ ގޮފިން 16 އަހަރުން ދަށުގެ
އުމުރުފުރާއިން 2 ވަނަ ހޯދައިގެންނެވެ. އަދި ޤައުމީ މުބާރާތުންވަނީ ހއ.އަތޮޅުން 2
ވަނަ އެންމެ މަތީ މާކުސް ހޯދާފައެވެ.
ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުން އަތޮޅުތަކުގެ ބައިން ހއ އަތޮޅަށް
ލިބިފައިވަނީ 3 ވަނަ އެވެ.
