ފުރިހަމަ ޑިމޮކުރަސީއެއްގެ، މައިގަނޑު
އެއްއަސާސަކީ، ގިނަ ޚިދުމަތްތަކެއް ވީހާ ކައިރިން ފޯރުކޮށްދިނުމެވެ. އަސާސީ
ޚިދުމަތްތަކުގެ އިތުރުން
ކޮންމެހެން ލިބިދޭންޖެހޭ ޚިދުމަތްތަކެއް ފަރުދީ
ވިސްނުމުން ވިސްނާލާއިރު، ސިފަވަމުން ދެއެވެ. އެކަންތައްތަކަކީ އަސާސީ ޚިދުމަތްތަކެއްކަމުގައި
ލޭބަލްކުރެވިފައި ނުވިނަމަވެސް، އެޚިދުމަތްތަކާއި ކަންތަތަކާ ނުލައި ދިރިއުޅުމުގެ
ޢާއްމު ޚާލަތައް ރުޖޫޢަވުމަށް ގޮންޖެހުންތަކެއް ކުރިމަތިކުރުވައެވެ. އެގޮތުން
ދިވެހި ކޮންމެ ފަރުދަކުވެސް، އޭނާ ޝަހުސިއްޔަތު ރަމްޒުކޮށްދޭ އައިޑެންޓިޓީ ކާރޑުގެ ބޭނުންތެރިކަން
ފާހަގަކުރެއެވެ. އަދި ދިރިއުޅުމުގައި ކޮންމެހެން ހޯދުން ލާޒިމުކުރާ އެއް
ޚިދުމަތަކަށް އައިޑީ ކާރޑު ހެއްދުމުގެ ޚިދުމަތްވެއެވެ.
ދިވެހިރާއްޖޭގެ ކޮންމެ ރައްޔިތަކަށް އޮތުން
ލާޒިމްކުރާ އައިޑީ ކާރޑު ރަށުގައި ހުރެގެން ހެއްދޭނޭ ނިޒާމެއް، އިހަވަންދޫގެ
އެންމެހާއި ރައްޔިތުންނަށް ވަނީ އިހަވަންދޫ ކައުންސިލުގެ ފަރާތުން
ފަހިކޮށްދީފައެވެ. 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ފަހިކޮށްދީފައިވާ
މިޚިދުމަތަކީ ކައުންސިލްގެ ބަޖެޓުން ( 50000 ރުފިޔާއަށްވުރެށް އިތުރު
ހަރަދެއްކޮށް) ކަމާއި ބެހޭ އެންމެހާއި އާލަތްތައް ހޯދާ، ސީދާ އިހަވަންދޫ ރަށުކައުންސިލުން އިހަވަންދޫގެ
ރައްޔިތުންނަށް އިތުރު ޚިދުމަތެއްގެ ގޮތުންފޯރުކޮށްދޭ ޚިދުމަތެކެވެ.
މިޚިދުމަތަކީ ކައުންސިލަށް އެއްވެސް ޢާއްމުދަނީއެއް
ލިބޭ ހިދުމަތަކަށްނުވެއެވެ. ނަމަވެސް މިކަމުގައި އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ،
މިޚިދުމަތުގެ ސަބަބުން އިހަވަންދޫ ރައްޔިތުންނަށް ލިބޭ ފަސޭހައާއި ރައްޔިތުންގެ
ޖީބަށް ލިބިގެންދާ ލުއިކަމެވެ. އެގޮތުން ރަށުކައުންސިލްތައް އުފެދި
އިހަވަންދޫގެކައުންސިލް އިންތިހާބުވުމުގެ ކުރިން، މިޚިދުމަތް ލިބިގަތުމަށްޓަކައި
ކިތަންމެ ކުޑަ ކުއްޖާ، އަދި އަމިއްލަ ހާލަށް ނޫޅެވޭ ނުކުޅެދޭ މީހާ ނުވަތަ
މާބަނޑުމީހާ އަދި ޒުވާނެއް މުސްކުޅިއެއްކަމުގައިވިޔަސް ދާންޖެހިފައިވަނީ
ސަރުކާރުގެ ފަރާތުން މިޚިދުމަތް ފޯރުކޮށްދެމުން އަންނަ މާލެ، ކުޅުދުއްފުށި، ދިއްދޫ
ނުވަތަ އެންމެ ކައިރިން ހޯރަފުށްޓަށެވެ.
އަސާސީ ޚިދުމަތެއްގެ ގޮތުގައި ލޭބަލްވެފައި
ނެތެއްކަމަކު، މިބޭނުންތެރި ޚިދުމަތް ހޯދުމަށްޓަކައި، ހޭދަކުރަންޖެހޭ ވަގުތާއި
ޚަރަދު ވަރަށްބޮޑެވެ. ކައުންސިލުން މިޚިދުމަތް ފޯރުކޮށްދިނުމަށްޓައި ނިންމި ސަބަބުތަކުގެ
ތެރެއިންވާ އެއްމެ ބޮޑު އެއްސަބަބުކަމުގައި އެސަބަބު ވެއެވެ. އަދި އެހެންމެ
އައިޑީކާޑެއްނެތި ބޭސްފަރުވާކުރުންފަދަ ޙިދުމަތެއް ހޯދުމަށް އުޅުމަކީ ޚިޔާލާއި
ތަޞައްވަރުވެސް ކޮށްލެވިފައި ނުވާވަރުގެ ބޮޑު ޚަރަދެކެވެ. ނަމަވެސް، އައިޑީ ކާޑް
އޮވެ، ދެންނެވުނު ޚިދުމަތް ހޯދުމަކީ ހީވެސް ނުކުރާހާ ޖީބަށް ލުއިފަސޭހަ ކަމެކެވެ.
އެހެންކަމަށްވެސް ވުމާއިއެކީ އައިޑީ ކާޑް ހެއްދުމަކީ ކުއްޖަކު ދުނިޔެއަށް
އުފަންވުމާއި އެކު ކޮންމެހެން ކުރަންޖެހޭ ކަމަކަށްވެސް އޮތީ ވެފައެވެ.
ހަމަ ޔަޤީންނުންވެސް މި ދެންވިޚިދުމަތް ރަށުންބޭރުން
ހޯދުމަށްޓަކައި، އެންމެ ކައިރިން ޚިދުމަތް ލިބިގަތް ކަމުގައި ވީނަމަވެސް، 500 ރުފިޔާ މަދުވެ ގެން ޚަރަދު ނުކޮށް ފަރު ނުޖެހޭނެކަމީ،
ޙަޤީޤަތެކެވެ. އަދި ހަމައެހެންމެ، މީހަކު ދަތުރެއް ހަދައިގެން މާލެގޮސްގެން
މިޚިދުމަތް ހޯދަން ޖެހިއްޖެނަމަ، 1000 ރުފިޔާ ނުވަތަ 1500 ރުފިޔާ ދަތުރަށް އެކަނި ހަރަދުކުރަން
ޖެހޭނެ ކަމަށް ޤަބޫލުކުރެވެއެވެ. އަދި ކެއުމުގެ ޚަރަދާއި އިތުރު ބޭނުންތަކަކީ ރަށުން ބޭރުން ޚަރަދެއް ކޮށްގެން މެނުވީ ލިބޭނޭ ޚިދުމަތްތަކެއް ކަމަށް
ނުބެލެވެއެވެ.
ކަން މިހެން އޮތުމުން އިހަވަންދޫ ކައުންސިލްގެ ކައުންސިލަރުންގެ
އިސްނެގުމާއެކުގައި، ކައުންސިލްގައި ދެމުންދާ މިޚިދުމަތް ވީހާވެސް ފުޅާ
ދާއިރާއެއްގައި ފޯރުކޮށްދިނުމުގެ ގޮތުން،އެދިއްޖެ ހާލަތެއްގައި، ނުކުޅެދޭ ކުއްޖެއްނަމަ
ގެއަށްގޮސް ބަލިމީހާއަށް އުނދަގޫ ނުވާ އުސޫލަށް ޚިދުމަތް ފޯރުކޮށްދެވެއެވެ.
ތުއްތުކުޑަކުއްޖެ ކަމުގައިވިޔަސް ޚިދުމަތް ފޯރުކޮށްދެނީހަމަ މިއުސޫލުންނެވެ.
އެހެނީ، ބާރު އަވީގައި ދުރު ހިސާބުން ދެންނެވުން 2 ފަރާތް ކައުންސިލް އިދާރާއަށް
ގެނައުން އެއީ ދަތިކަމެއްކަމަށް ކައުންސިލަށް ގަބޫލުކުރެވުމެވެ. އަދި އެފަދަ
ތަކުލީފު، އެފަރާތްތަކަށް ނުޖެއްސުމުގެ މާތް މަޤްޞަދުގައެވެ. މި ހިދުމަތަކީ އާއްމު
އުސޫލެއްގެ މަތިން ކޮންމެ ރަސްމީ ދުވަހަކު 9:00 ން 13:00 އަށް ފޯރުކޮށްދޭ ޚިދުމަތެއް
ކަމުގައި ވީނަމަވެސް ޚާއްޞަ ޙާލަތެއް މެދުވެރިވެގެން އެދިލައްވައިފި ރައްޔިތަކަށް
މި ޚިދުމަތް ފަސްޖެހުމެއްނެތި ރަސްމީ ބަންދު ގަޑިތަކުގައިވެސް ފޯރުކޮށްދީފައި
ވެއެވެ. އަދި ކައުންސިލުން މިހާރުވެސް މިއަގުހުރި ޚިދުމަތް ގެންދަނީ
ފޯރުކޮށްދެމުންނެވެ. އިހަވަންދޫއިން މި ޚިދުމަތް ލިބިގަންނަ އެހެނިހެން ރަށްރަށުގެ
ރައްޔިތުންގެ ފަރާތުންވެސް ޚިދުމަތާއި ގުޅޭގޮތުން " ޕޮޒިޓިވް ފީޑްބެކް "
ގެ ގޮތުން، އަތޮޅުގައި މި ޚިދުމަތް ދެމުންދާ އެހެނިހެން ތަންތަނަށްވުރެ އިހަވަންދޫއިން
ޚިދުމަތް ލިބިގަތުމުގައި އަދި އެހީތެރިކަން ލިބިގަތުމުގައި ފަސޭހަކަމަށް ފާހަގަކޮށްފައިވެއެވެ.
ކައުންސިލް އިދާރާއިން މިޚިދުމަތް ލިބިގަތުމަށް ފަސޭހަވާނީ ކައުންސިލަރަކާއި
މުއާމަލާތުކޮށްގެންނެވެ. ސަބަބަކީ، މިއީ ކައުންސިލްގެ ޤާނޫނީ މެންޑޭޓްގެ ތެރޭގައި
ހިމެނިފައިނުވިނަމަވެސް، މިރަށަށް އިންތިހާބުވެފައިވާ، ރަށުގެ ކައުންސިލަރުންގެ
އިސްނެގުމާއެކުގައި، އެފަރާތުން ފޯރުކޮށްދޭ ޚިދުމަތެއް ކަމުގައިވުމެވެ. މިހާތަނަށް
600 އަށް ވުރެ ގިނަ ފަރާތްތަކުން މި ޚިދުމަތް ލިބިގަނެފައިވާ ހިނދު ، 600
މީހުންނަށް (500 ރުފިޔާ ރަށުން ބޭރަށް ޚިދުމަތް ލިބި ގަތުމަށްޓަކައި ހިނގާނެ އެންމެ
ކުޑަ އަންދާޒީ މިންވަރުކަމަށް ބަލައި ) 300000 ( ތިންލައްކަ ) ރުފިޔާ ގެ މިންވަރެއް ސަލާމަތް ކުރެވޭނެ ކަން ފާހަގަކުރެވެއެވެ.
އެހެންކަމުން މިއީ މުޅި މިއިހަވަންދޫގެ
ރައްޔަތުންގެ އަތުން މާތް ﷲގެ ރަޙްމަތްފުޅާލައިގެން، އިހަވަންދޫގެ ކައުންސިލްގެ
ވިސްނުންތެރިކަމާއި، މިންނަތް މަސައްކަތުން ސަލާމަތްކުރެވުނު ބޮޑު ޚަރަދެކެވެ.
އައިޑީ ކާޑަކީ ހަލާކުވާ، ގެއްލޭ، މައުލޫމާތު ބަދަލުވެގެން އައުކުރަންޖެހޭ އަދި
މުއްދަތު ހަމެވެގެން އައުކުރަން ޖެހުންފަދަ ގިނަ ޙާލަތްތަކުގައި ތަކުރާރުކޮށް ބަދަލުކޮށް
އައުކުރަން ޖެހޭ މުހިއްމު އެއްޗަކަށް ވީ ހިނދު މުސްތަޤުބަލުގައި މާތް ﷲ ގެ
ވާގިފުޅާއި އިރާދަފުޅާއީ އެކު މި ފަދަ ޚިދުމަތެއްގެ ސަބަބުން އިހަވަންދޫގެ
ރައްޔިތުންގެ އަތުން ސަލާމަތްވެގެން ދާނީ މިފަދަ ކިތައް ކިތައް 300000 ރުފިޔާ ތޯ
ތިޔަ ކިޔުންތެރިޔާވެސް، ތަޞައްވަރު ކޮށްލައްވާށެވެ.
.
